އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓު އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބުރާސްފަތި ދުވަހު މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ ލިބޭ މިންވަރު ކަނޑައަޅަންޖެހޭ ކަމަށެވެ.
މީގެއިތުރުން، އެ މިންވަރު ބަޖެޓްގައި ހިމަނަންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެހެންކަމުން މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ޓެކްސް ބިލްތައް ނިންމަންޖެހޭ ކަމަށެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ޓެކްސާއި ގުޅުން ހުރި ހަތަރު ބިލެއް އަންނަނީ ދިރާސާ ކުރަމުންނެވެ.
ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށް ގާނޫނުއަސާސީ ގައި ވަނީ ކަނޑައަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.



