އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏަކުން އުފައްދާފައިވާ ބޭހެއްގެ ކޮލިޓީ މައްސަލަތަކެއް ފެނިފައިވާތީވެ، އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމެއެފްޑީއޭ އިން ނެރެފައިވާ އެލާޓެއްގައި ބުނެފައި ވަނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ، ”އައިކޯރ ބައޮލޮޖިކަލްސް ލިމިޓެޑް“ އިން އުފައްދާފައިވާ ”ނޯމަލް އިމިއުނޮގްލޮބިއުލިން ފޯ އިންޓްރަވީނަސް ޔޫސް ބީޕީ 5 ޕަސަންޓު (އިމިއުގްލޯ)“ ގެ ބެޗްތަކަކުން ކޮލިޓީ މައްސަލަތަކެއް ފެނިފައިވާތީވެ، ސްރީލަންކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާ އާއި ނޭޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީ އަދި ދުނިޔޭ ސިއްހަތު ޖަމިއްޔާއިން އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިއާއިގުޅިގެން އެމްއެފްޑީއޭއިން ބެލިބެލުމުން އިންޑިއާގެ ބޭސްއުފައްދާ އެކުންފުންޏަކީ ރާއްޖެއަށް ބޭސް އެތެރެކުރުމާއި ވިއްކުމަށް ހުއްދަ ކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުންޏެއްކަން ފާހަގަވެފައިވާ ކަމަށެވެ.
ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މިބޭހުގެ އެއްވެސް ބެޗެއް ރާއްޖެއަށް އިމްޕޯޓުކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.
އެހެންނަމަވެސް، ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް އިންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކަށް ގޮސް އުޅޭއިރު، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް މިގައުމުތަކުން ބޭސް އިމްޕޯޓުކުރާތީ، އެމްއެފްޑީއޭ އިން ވަނީ މިކަމަށް ސަމާލުވާން އެދިފައެވެ.
މައްސަލަ ހުރި ބެޗްތަކަކީ IG24002AD، IG24001AD، IG24004AD އަދި IG24003AD ކަމަށް އެމްއެފްޑީއޭ މައުލޫމާތުދީފައިވެއެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށެވެ.


