ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ޕީއެންސީއަށް މެންބަރުން އިތުރުކުރާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލާތްތަކަށް ނުފޫޒު ފޯރުވައި ސަރުކާރު އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ޕީޕީއެމް ސަރުކާރެކޭ އެއްގޮތަށް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާ އެޕާޓީއަށް ލިބެމުންދާ ކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެއްވެސް މީހަކަށް ބިރު ދައްކައިގެން ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން، ސަރުކާރުގެ އިމާރަތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ކުރަމުންގެންދާތީ އާއި މުވައްޒަފުން ލައްވާ އެކަން ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބޭ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
މިއާއިއެކު އެމްޑީޕީން ވަނީ ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް ފޯމު ފުރައި މެމްބަޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފައެވެ. އަދި ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފުތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް ގޮވާލައިލާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
”ޕާޓީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތް، ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ކުރަމުން ގެންދާތީ އާއި، މުވައްޒަފުން ލައްވާ އެކަން ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބެމުންދޭ.“ އެމްޑީޕީން ބުންޏެވެ.
މިކަންކަމަށް ކަންބޮޑުވާކަމަށް ބުނެ އެމްޑީޕީން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެމްޑީޕީން މިހެން ބުނެފައިވާއިރު، ޕީއެންސީ ވަނީ އެޕާޓީގެ މެންބަރުން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިއްޔެ ވެސް މެންބަރުން އިތުރު ކުރުމުގެ ގޮތުން އެޕާޓީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ޕީއެންސީން ވަނީ އެޕާޓީ އާއި ގުޅުމަށް ގިނަ އަދަދެއްގެ ރައްޔިތުން ފޯމު ފުރަމުންދާ ކަމަށް ބުނެފައެވެ. ފޯމު ފުރުމުގެ ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދުތަކުގައި ގިނަ ބަޔަކު އައިސް ސޮއި ކުރަމުންދާ ކަމަށާއި ޕާޓީގެ އަމާޒަކީ ނޮވެމްބަރު މަހުގެ ނިޔަލަށް އެޕާޓީއަށް 000’75 މެންބަރުން ހަމަކުރުން ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.




