ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ”ފަލަސްތީނާއެކު ދިވެހިން“ ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު އެއް މިލިއަނަށްވުރެ ގިނަ ޑޮލަރު ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރްވާ) އަށް ދިވެހި ސަރުކާރުގެ ފަރާތުން ފޮނުވައިފިއެވެ.
ފޮރިން މިނިސްޓްރީން މިކަން ހާމަ ކުރަމުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ މި ޓެލެތޯން ދައުލަތުގެ މީޑިއާއިން ބާއްވާފައިވަނީ 12 ޖޫން 2024 ގައި ކަމަށެވެ. އަދި މި ޓެލެތޯނުން ލިބުނު ފައިސާ އަންރްވާއަށް ފޮނުވާފައިވަނީ 20 އޮގަސްޓު 2024 ގައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އަދި ރާއްޖެއިން އަބަދުވެސް ވަނީ ފަލަސްތީނާއެކުގައިކަން ހާމަކޮށްދިނުމުގެ ގޮތުން ބޭއްވި މި ޓެލެތޯނުން ލިބުނީ ޖުމްލަ އެއް މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް އަށް ސަތޭކަ ސައުވީސް ޑޮލަރާއި ފަންސާސް ހަ ސެންޓް( 1،248،826.56$) އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަގުވާމީ ޤާނޫނާއި އިންޓަރނޭޝަނަކް ހިއުމެނިޓޭރިއަން ލޯ އާ ޚިލާފަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.



