އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓެއް އަންނަ ނޮވެމްބަރު މަހު ނެރުމަށް ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓުން ހާމަކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން 15 ނޮވެމްބަރު 2023 ގައި އިއުލާނު ކުރި ފުލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާންމު ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ”ހައުސިންގް އެޑްވައިޒަރީ ކޮމިޓީ“ އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި ”ހައުސިންގް ކޮންސަލްޓެޓިވް ކޮމިޓީ“ އަށް ވެސް ގެދޮރުވެރިޔާ ސްކީމްގެ ފްލެޓު ލިބުނު މީހުންގެ ލިސްޓު ރަނގަޅުކަމަށް ނުފެންނާތީ، ހުށަހަޅާފައިވާ ހުރިހާ ފޯމެއް ރީ-އިވޭލުއޭޓު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
މި މަސައްކަތްތައް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ މިއަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ހައުސިންގް މިނިސްޓްރީން ބުންޏެވެ.



