އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ.
އެންސްޕާއިން ރޭ އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ފޯރުކޯށްދިނުމަށްޓަކައި ހިންގޭ އިޖްތިމާއީ ސިއްހީ އިންޝިއުރަންސްގެ ގައުމީ ނިޒާމް ’އާސަންދަ ސްކީމް‘ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން މިމަގުސަދު ހާސިލުކުރުމަށްޓަކައި އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އެގޮތުން، 87 ބޭހެއްގެ އަގަށް ނޮވެމްބަރު އެކަކުން ފެށިގެން ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި 126 ބޭހެއްގެ އަގަށް ނޮވެމްބަރު 24 އިން ފެށިގެން ބަދަލު ގެންނާނެ ކަމަށް އެންސްޕާއިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އަގު މުރާޖައާ ކުރާ ބޭހުގެ ތަފްސީލުތައް އާސަންދައިގެ ވެބްސައިޓުގައި އާންމުކުރާނެކަން ހާމަކުރުމަށްފަހު އެންސްޕާއިން ބުނީ މި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު އަގުގައި ވިއްކަމުން އައި ބޭސްތަކުގެ އަގު ހެޔޮވެ، އާސަންދަ ސްކީމުގެ ދަށުން ބޭހަށް ކުރާ ހަރަދުން އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
”މި ބަދަލާ ގުޅިގެން އާސަންދަ ސްކީމު މެދުވެރިކޮށް ރައްޔިތުންނަށް ރައްޔިތުންނަށް ހިލޭ ބޭސް ލިބިދިނުމުގެ އިންތިޒާމު އެއްވެސް ބަދަލެއް ނައިސް، މި ބޭސް ލިސްޓުގައި ހިމެނޭ ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯގެ ފާމަސީތައް މެދުވެރިކޮށް، އިތުރު އަގަކާ ނުލައި ލިބެން ހުންނާނެކަން ފާހަގަކުރަމެވެ،“ އެންސްޕާއިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، އާސަންދަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ފާމަސީތަކުގެ ތެރެއިން މި ބޭސްތައް ވިއްކުމަށް ރަޖިސްޓަރީ ކޮށްފައިވާ ފާމަސީތައް މެދުވެރިކޮށް، އިތުރު އަގަކާ ނުލައި މިބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނޭ ކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.
އާސަންދަ ހިދުމަތް ލިބިގަތުމަށްފަހު، އެކަމުގެ ރަސީދު ހޯއްދެއްވުމަށް އިލްތިމާސް ކުރުމަށްފަހު އެންސްޕާއިން ވަނީ ޝާއިޢު ކިރެވިފައި ލިސްޓާއި ޚިލާފަށ ހިދުމަތްދޭ މަރުކަޒަކުން ބޭސް ދޫކުރާކަން ފާހަގަ ކުރެވިއްޖެނަމަ އެކަން ”ޝިކާވަތި“ ޗެޓްލައިން 7951400 އަށް ރިޕޯޓު ކުރުމަށް އެދިފައެވެ.



