ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ދެ ދުވަސްތެރޭ 10،400 މެންބަރުން އަލަށް ގުޅިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް ފަލާޙް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމަހުގެ 26 އަދި 27 މި ދެ ދުވަހު އެކަނި ޕީއެންސީ އިން ހިންގި މެންބަރޝިޕް ޑްރައިވްގައި 10،400 މެންބަރުން ޕީއެންސޯ އަށް އަލަށް ގުޅިއްޖެ ކަމަށާއި މިކަމުން ދައްކުވައިދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މުޅި ދިވެހި ރާއްޖޭގައި އޮތް ތާއީދު ވަރަށް ސާފު ކަމަށެވެ.
“ ދެ ދުވަހުން (އިލެކްޝަންގެ ޤަވައިދު ބުނާ ގޮތުންނަމަ) ތިން ސިޔާސީ ޕާޓީގެ އަދަދު މިހަމަވީ. އިން ޝާ ﷲ 2028 މުޢިއްޒު ޔަޤީން“ ފަލާޙް ވިދާޅުވިއެވެ.
ޕީއެންސީއަށް 75،000 މެންބަރުން މިއަހަރު ތެރޭގައި ހަމަކުރުމަކީ އެޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަމާޒެކެވެ.
ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މެންބަރޝިޕް ޑްރައިވްއިން މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެތެރޭގައި އައްޑޫސިޓީ ވެސް ހިމެނޭ ކަމަށް އެޕާޓީގެ ސެކްރަޓަރީ ޖެނެރަލް ޒީނާޒް އަދުނާން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު ޕާޓީއަށް ވަނުމަށް ފޯމުލާފައި ތިބި ފަރާތްތަކުގެ ތެރެއިން ޕްރޮސެސިންގެ މަސައްކަތް ނިމި، އޭގެތެރެއިން ޕީއެންސީއަށް ވަދެވޭ މެންބަރުންގެ ޖުމްލަ އަދަދު އެޕާޓީން ފަހުން އިއުލާނު ކުރައްވާނެ ކަމަށް ވެސް ޒީނާޒް ވިދާޅުވިއެވެ.



