ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި ހާދިސާގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް (”ދަ ހޯކްސް“) ގެ ބައިވެރިވުންވާކަމަށް ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއްގައި އެ ކުންފުނީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެކަމުގައި ބައިވެރިވީކަމަށް ތުހުމަތު ކުރެވުނު މުވައްޒަފުންނާމެދު ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށް ދަ ހޯކްސް އިން މިއަދު ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ދަ ހޯކްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދަ ހޯކްސްގެ އުޅަނދެއް މެދުވެރިކޮށް ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެން، 25 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 11:00 ހާއިރު، ތިލަފުށީގައި ގާއިމުކުރެވިފައިވާ އެ ކުންފުނީގެ ބޯޓު ޔާޑަށް ފުލުހުން ހާޒިރުވި ކަމަށެވެ. އަދި ތިލަފުށީގައި ހުންނަ ކުންފުނީގެ ބޯޑު ޔާޑަށް ފުލުހުން ހާޒިރުވެ، ބަލައި ފާސްކޮށްފައިވަނީ ބަލާ ފާސްކުރުމުގެ އަމުރެއް ނުވަތަ ކޯޓު އަމުރެއް އެވަގުތު ނެތިކަން ވެސް ދަ ހޯކްސް އިން ފާހަގަ ކޮށްފައިވެއެވެ.
އެހެންނަމަވެސް ދަ ހޯކްސްގެ މެނޭޖްމަންޓުންވަނީ ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ގާނޫނާއި ހިލާފު އަމަލުތަކުގައި ބައިވެރިވެ އެއަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުންދީފައި ކަމަށާއި އެ ކުންފުނީގެ ޓީމުން ވާނީ ފުލުހުންގެ ޓީމު ދަ ހޯކްސްގެ ބޯޓު ޔާޑަށް ވަނުމުގެ ފުރުސަތުދީ ކޯޓުއަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތުދީފައިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުންނަށް އެއްބާރުލުން ދިނުމުގެ އިތުރުން މިހާދިސާ ހިނގުމާއި ގުޅިގެން އެ ކުންފުނީގެ ފަރާތުންވަނީ މިމައްސަލަ އިދާރީގޮތުން ތަހުގީގުކުރަން ފަށާފައި ކަމަށާއި އެގޮތުން، ކެމެރާ ފުޓޭޖުތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޢައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވިފައިވާ ކަމަށް ދަ ހޯކްސް އިން ބުންޏެވެ. އެހެންކަމުން އެ ކުންފުނިން ވަނީ ތުހުމަތު ކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ ތަހުގީގީ އިދާރާތަކަށް އެކަން ރިޕޯޓްކޮށްފައިކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން އެ ކުންފުނިން ބުނީ، މިފަދަ ޢައިރު ގާނޫނީ އަމަލުތަކުގައި ދަ ހޯކްސް އިން ގެންގުޅޭ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ޕޮލިސީ ކަމަށެވެ. އެގޮތުން، ތަފާތު 10 ގައުމެއްގެ 900 އަށްވުރެ ގިނަ މުވައްޒަފުން ދަ ހޯކްސްގައި މަސައްކަތް ކުރަމުންދާއިރު، ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ މުވައްޒަފުންގެ ލާބައާއި މަންފާއަށްކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
”އެހެންނަމަވެސް، ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާއިމެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ މިއަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް. އެގޮތުން ކުރިއަތް އޮތް ތަނުގައިވެސް ދަ ހޯކްސްގެ ރިސޯސަސް މިފަދަ ނަހަމަ ގޮތެއްގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ކުންފުނީގެ އެތެރޭގެ ކޮންޓްރޯލް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް ކުންފުނިން ދަނީ އަޅަމުން“ އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ދަ ހޯކްސް އަކީ ތެޔޮ އެތެރެކޮށް ވިޔަފާރިކުރުމަށް މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުންޏަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތްކަން ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. މިއާއި ހިލާފަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފަށް ދެކެވޭ ވާހަކަތަކެއް ކަމަށާއި އެހެންކަމުން، ޒިންމާދާރުކަމާއި އެކު މިފަދަ ހަބަރުތައް ރިޕޯޓުކުރުމަށް މީޑިއާތަކަށް ދަ ހޯކްސް އިން ވަނީ ގޮވާލާފައެވެ.
ދަ ހޯކްސް އިން އިތުރަށް ބުނީ އެ ކުންފުންޏަކީ ދެފުށްފެންނަ ގޮތަށް ވިޔަފާރި ކުރަމުންއަންނަ ކުންފުންޏެއް ކަމަށެވެ. އަދި މިފަދަ ކަންކަމާއި ގުޅިގެން ޒިންމާ ނަގަންޖެހޭ ފަރާތްތަށް ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދަ ހޯކްސްއިން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެ ކުންފުނިން އަރުވާފައިވެއެވެ.



