ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގެ ކޮމިޓީ މަސައްކަތަށް އިތުރު ދުވަހެއް ދޭން ރައްޔިތުންގެ މަޖިލިހުން މިއަދު ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ފަރާތުން އެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ބަޖެޓު ހުށަހަޅާ ނިމުމުން ބަޖެޓަށް ބަހުސް ކުރުން ހަމައެދުވަހު އޮތެވެ. އަދި ކޮމިޓީގައި އެ މަސައްކަތްކުރަން އެއް ދުވަހުގެ މުއްދަތެއް ދިނުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ.
މެންބަރު ފަލާޙް އެދިލެއްވިހެން ކުރިއަށް ގެންދަން ނިންމުމަށްފަހު، ބަޖެޓު ކޮމިޓީން ވަނީ އެމަސައްކަތް ނިންމުމަށް އިތުރު ދުވަހަކަށް އެދިފައެވެ. އެހެންކަމުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި އެގޮތަށް ފާސްވެ، ބަޖެޓު ކޮމިޓީގެ މަސައްކަތް ނިންމުމަށް އިތުރު ދުވަހެއް ދޭން 80 މެންބަރުންގެ އިއްތިފާގައިއެކު ވަނީ ނިންމާފައެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނޭ މައިގަނޑު ދާއިރާތައް:
- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
- ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ 2 ބިލިއަން ރުފިޔާ
- އެންސްޕާ: 263 މިލިއަން ރުފިޔާ
- މުސާރަ: 24 މިލިއަން ރުފިޔާ



