ދިވެހިރާއްޖޭން އިންޑިއާއަށް ކަނޑައަޅުއްވާ އައު ސަފީރުގެކަމުގެ މަގާމަށް އާއިޝަތު އަޒީމާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އާޒިމާ މިމަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
އެމަގާމަށް އާޒިމާ އައްޔަން ކުރުމާއިމެދު މަޖިލީހަށް ފެންނަ ގޮތެއް ބެލުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި 79 މެންބަރުން ބައިވެރިވެފައިވާއިރު، އޭނާ އެމަގާމަށް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އިންޑިއާ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ނިންމެވީ މިހާރު އިންޑިއާ ސަފީރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ.
މިމަގާމަށް އާޒިމާ އައްޔަންކުރުމުގެ ކުރިން، އާޒިމާ ވަނީ ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް އަދާ ކުރެއްވައިފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު ވެސް އާޒިމާ ވަނީ އަދާކުރައްވާފައެވެ.
އާޒިމާ އަންނަނީ 1988 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުންނެވެ.




