ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރާއިރު، އޭގެން ޕްރޮފެޝަނަލް މުވައްޒަފުން އިސްތިސްނާ ވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މިއަދު މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަމުންނެވެ.
އެގޮތުން، މިނިސްޓަރު ވިދާޅުވީ ޕްރޮފެޝަނަލް މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހުއްދަ ދެއްވާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
”އެއީ އަޅުގަނޑުމެން އެކްރޮސް ދަ ބޯޑް ބައެއް ކަހަލަ އިންޖިނިއަރުންނާއި ބައެއް ކަހަލަ މީހުންނަކީ އެއީ އަޅުގަނޑުމެން ސެލެރީ ދަށްކޮށްފި ކަމަށްވަންޏާ، އެމީހުންނަށް ބެޓާ އޮޕްޝަންސް އޮވެއްޖެއްޔާ ގޮސްފި ކަމަށްވަންޏާ ކުންފުނިތައް ހިންގަން އުނދަގޫވާނެ،“ ޒަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ 12،000 ރުފިޔާއަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުން ވެސް މި ބަދަލުން އިސްތިސްނާ ވާނެ ކަމަށެވެ.
އިންޖިނިއަރުން ފަދަ ފަންނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފި ނަމަ، އެ މީހުންނަށް އެހެން ވަޒީފާތަކަށް ދިއުމުގެ ފުރުސަތު އޮތުމުން، ކުންފުނިތައް ހިންގުމަށް ދަތިވެދާނެ ކަމަށް މިއަދުގެ ކޮމިޓީ ބައްދލުވުމުގައި ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިމަހު އިއުލާން ކޮށްފައިވާއިރު، އެމަނިކުފާނު ވަނީ އަމިއްލަ މުސާރައިން 50 އިންސައްތަ އުނިކުރުމަށާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން ވެސް 10 އިންސައްތަ އުނިކުރުމަށް ހުށަހަޅައިފައެވެ.


