މ. ނާލާފުށީގެ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މަޝްވަރާކުރުމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޓީމެއް ނާލާފުށިއަށް ޒިޔާރަތްކޮށްފިއެވެ.
އެމްޑަބްލިއުއެސްސީ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މ. ނާލާފުށީގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ފެށުމާ ގުޅޭގޮތުން ރަށު ކައުންސިލާއި ކަމާބެހޭ އެހެނިހެން ފަރާތްތަކާއެކު ބައްދަލުކޮށް މަޝްވަރާކުރުމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އަދި މެނޭޖްމަންޓް ޓީމުން މ. ރައިމަންދޫއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީ އިން ’ސައުވީސް‘ އަށް ވިދާޅުވީ މިދަތުރަކީ ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ރަށްރަށުގެ މަސައްކަތްތައް ފެށުމުގެ ކުރިން، ވާންޖެހޭ ތައްޔާރިތަކާއި ގުޅޭ ގޮތުން ރަށު ކައުންސިލާއި، އެރަށެއްގެ ފެނާއި ނަރުދަމާ ފަށާފައި އޮތް ރަށެއް ކަމުގައިވާ ނަމަ ހިނގަން ހަވާލުކޮށްފައި އޮތް ފަރާތާއި އެކު މަޝްވަރާ ކުރުމުގެ ގޮތުން މ. ރައިމަންދޫއަށް ކޮށްފައިވާ ދަތުރެއް ކަމަށެވެ.
އެމްޑަބްލިއުއެސްސީ އިން ހާމަކޮށްފައިވާ ގޮތުގައި މިދަތުރުގެ ތެރެއިން އެމްޑަބްލިއުއެސްސީ އާއި އެހެން މުއައްސަސާތަކާއި ގުޅިގެން ކުރަން ހުރި މަސައްކަތްތަކާއި ބެހޭ ގޮތުން ވަނީ މައުލޫމާތު ހިއްސާ ކުރެވި މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ސަރުކާރުން ވަނީ ފެނަކަ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 19 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް ބާޠިލުކޮށް ފަހުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވީ ފެނަކައިގެ ދަރަނި އިތުރުވެ ކުންފުނި ގެއްލުމުގައި ހިންގަން ޖެހުމުގެ ސަބަބުން، އެ ކުންފުންޏާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ހަރަދު މިވަގުތު ކުރެވެން ނެތް ކަމަށެވެ.



