ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ދެއްވި ފަންނީ ލަފާގައި އެމްއެމްއޭއިން ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސެވުމަށް މާލީ އެހީ ހަމަޖެއްސުމަށް ހުރި ދަތިތައް އިތުރުވެފައިވާކަމަށެވެ.
އެމްއެމްއޭއިން ވަނީ މާލީ އެހީ ނުލިބިއްޖެ ޙާލަތެއްގައި ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސެވުމަށް ދަތިވެގެންދާނެތީ އަހަރުގެ ކުރިޔަށް އޮތް މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ސްޓްރީމްލައިންކޮށް، ޚަރަދުތައް ކުޑަކުރެވޭނެ ގޮތަކަށް ކުރިޔަށް ގެންދެވުމަށް ލަފާ ދެއްވާފައިވެއެވެ.
މީގެއިތުރުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެމްއެމްއޭއިން ފައިސާ ޗާޕުނުކޮށް ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަވާފައިވާކަންވެސް ފާހަގަކުރައްވާ އެމްއެމްއޭއިން ވިދާޅުވީ އެކަން ދެމެހެއްޓުމަކީ އިޤްތިސާދީ ހަމަޖެހުމާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ވަރަށް މުހިއްމުކަމެއް ކަމަށެވެ.
މިއަހަރުގެ ދައުލަތުގެ ރިކަރަންޓް ހަރަދުތައް ދަށްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށާއި ކެޕިޓަލް ޚަރަދު ކުރުމުގައި ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޕްރޮޖެކްޓްތަކަށް އިސްކަންދިނުމަށްވެސް އެމްއެމްއޭއިން ވަނީ ލަފާދެއްވާފައެވެ.
ހަމައެއާއިއެކު، ސަރުކާރުން ޚަރަދު ކުޑަކޮށް އަދި ޢާމްދަނީ އިތުރުކުރުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް މަރުޙަބާ ވިދާޅުވެ، އެމްއެމްއޭއިން ވަނީ ސަރުކާރުން އިއުލާނުކޮށް، ތަންފީޒުކުރަމުންގެންދަވާ ފިސްކަލް ރިފޯމްގެ މަސައްކަތްތައްކަތާއި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެމްއެމްއޭއިން ފާހަގަކުރައްވާފައެވެ.
އެމްއެމްއޭއިން ވިދާޅުވެފައިވާ ގޮތުގައި ބޭރުގެ ފަރާތްތަކުން މިއަހަރު ހޯދުމަށް ލަފާކުރި މާލީ އެހީ ހޯދުމަށް ސަރުކާރަށް ދަތިތަކާއި ކުރިމަތިލާންޖެހުމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް 2023 ވަނަ އަހަރާއި އަޅާ ބަލާއިރު މިއަހަރު ހީނަރުވެފައިވާ ކަމަށާއި، ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށްޓަކައި އަދި ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭރުގެ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ މިންވަރު އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ހޯދުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރަން ޖެހެއެވެ.
މީގެއިތުރުން، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ކަރަންސީ ސްވޮޕް ފެސިލިޓީ އަލުން ގާއިމްކުރެވި، ކުރު މުއްދަތުގައި މި ފެސިލިޓީ ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވާތީ ޖުމްލަ ރިޒާވް ހިފެހެއްޓުމަށް ފަހިވެފައިވާ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.



