”ބިންވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް މިއަދު ނިންމައިފި ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް މިއަދު ނިންމައިފިވާ ކަމަށެވެ.
”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް ސޮއިކޮށްފައިވާއިރު، މި ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ.
އެތަންތަނުން 9000 އަށް ވުރެއް ގިނަ ގޯތި ދޭއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން އިތުރަށް ބިން ހިއްކާ ސަރަހައްދުން ވެސް ގޯތި ދިނުމަށް ނިންމައިފައެވެ.
މީގެއިތުރުން، މި ސަރުކާރު އައިފަހުން ހުޅުމާލެ ތިންވަނަ ފިޔަވަހި އާއި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތުލާން ވެސް އެވުޒާރާއިން ވަނީ ނިންމައިފައެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.




