މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، މެޑަމް ސާޖިދާ މުޙައްމަދު ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މެޑަމް ސާޖިދާ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން އެކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓެންޒޭނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް ފައުންޑޭޝަނުން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު ދެކަނބަލުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ އަންހެނުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ވަކިން ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި މިހާރުގެ ސަރުކާރުން އަންހެނުންގެ ޞިއްޙަތަށް އިސްކަންދެއްވާކަމަށް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެއް ކަމަށެވެ.
މިބައްދަލުވުމުގައި މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ބަލިތަކަށް ފަރުވާ ދިނުމުގައި އެ ފައުންޑޭޝަނުން ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު މެޑަމް ސާޖިދާ އާއި ޙިއްޞާކުރައްވާފައެވެ.
މީގެއިތުރުން، ފައުންޑޭޝަނުން ހިންގަވާ ސްޕެޝަލިސްޓް ތަމްރީނު ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސީ.އީ.އޯ ވަނީ އެ ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޮތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ.



