އ.ދ އިން ޣައްޒާގައި ހިންގާ ސްކޫލެއްގައި ޔަހޫދީ އިޒްރޭލު ސިފައިން ހުޅުޖަހައިފިއެވެ.
އަލްޖަޒީރާއާއި ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ހުޅުޖަހާފައިވަނީ އ.ދ ގެ އަންރްވާ އިން ޣައްޒާގެ ޖަބާލިއާ ކޭމްޕުގައި ހިންގާ އަލް-ފަޚޫރާ ސްކޫލުގައެވެ. އެ ސްކޫލުގައި ހުޅުޖެހުމުގެ އިތުރުން އިޒްރޭލުން ވަނީ އެ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ވެސް ހުޅުޖަހާފައެވެ.
ޔަހޫދީ އިޒްރޭލުން ޣައްޒާގެ އުތުރު އައްސޭރިއަށް އިއްޔެ ދިން މި ހަމަލާގެ ސަބަބުން މިހާތަނަށް 60 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މީގެ އިތުރުން އިޒްރޭލުން ޣައްޒާގެ ބީތު ލާހިޔާ އާއި އައްޒަވޭދާ އަށް ދިން ބޮމުގެ ހަމަލާތަކެއްގައި 17 މީހަކު ވަނީ މަރުވެފައެވެ.
އިޒްރޭލުން ޣައްޒާއާއި، ލުބްނާނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް އ.ދ އިން އަޑު އުފުލުމާ ގުޅިގެން، އިޒްރޭލުގެ ޕާލަމެންޓުން އިއްޔެ ވަނީ އ.ދ އިން ހިންގާ އަންރްވާ ގެ ގޮތްޕެއް އިޒްރޭލުގައި ހިންގުން މަނާކުރުމަށް ބިލެއް ފާސްކޮށްފައެވެ. މި ބިލުގައި ވަނީ އ.ދ ގެ އެ ޖަމިއްޔާއަށް އިޒްރޭލާއި ގުދުސްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި އެތަނުގައި ނުތިބެވޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
އިޒްރޭލުގެ ޕާލިމެންޓުން މިފަދަ ބިލެއް ފާސް ކުރުމުން، އ.ދ އިން އެކަން ދެކެފައިވަނީ ވަރަށް ވެސް ފިނޑި ޢަމަލެއްގެ ގޮތުގައެވެ.



