ބޮލީވުޑްގެ އެކްޓަރު ޝަމީތާ ޝެޓީގެ ދަބަސްތައް ބަރުވެގެން، އިންޑިއާގެ ފްލައިޓަކުން ބޭލުވުމުން އޭނާ އެކަން ކުށްވެރިކޮށް މީސް މީޑިއާގައި ނުރުހުން ފާޅުކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ޖައިޕޫރުން ޗަންދިގަރަށް ދިޔުމަށް ޝަމީތާ ދިޔައީ ”އިންޑިގޯ“ ފްލައިޓެއްގައެވެ. ނަމަވެސް ޝަމީތާއާއި އޭނާގެ މޭކަޕް އާޓިސްޓު ގެންދިޔަ ދަބަސްތައް ބަރުވެގެން އެ ފްލައިޓުން ވަނީ ދަބަސްތައް މަދު ކުރުމަށް ނުވަތަ ލުއި ކުރުމަށް އަންގައި، ދަބަސްތައް ފްލައިޓުން ބާލުވާފައެވެ.
މިކަމާ ރުޅިގަދަވެ، ޝަމީތާ މީސްމީޑިއާގައި ކުރި ވީޑިއޯ އެއްގައި ބުނީ، އޭނާގެ ދަބަސްތައް ފްލައިޓަށް އެރުވުމަށް ކުރިން ފޮނުވި ކަމަށާއި ދަބަސްތައް ބަރުވާަކަ އެ ފްލައިޓުން ކުރިން އަންގާފައި ނުވާ ކަމަށެވެ. އަދި އޭނާ ޗަންދިގަރަށް ދާން އުޅެނީ އެތަނުގައި އޮތް އިވެންޓަކަށް ކަމަށާއި ދެން އޮތް ފްލައިޓު އޮތީ އޭނާގެ އިވެންޓު ނިމުމުން ކަމަށް ވެސް ބުނެފައިވެއެވެ.
ޝަމީތާ ބުނީ މިފަދަ ކަމެއް ދިމާވެފައިވާނަމަ ފްލައިޓުން ކުރިން އޭނާއަށް އަންގަން ޖެހޭނެ ކަމަށާއި މިއީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ. އަދި އިންޑިގޯގެ ގްރައުންޑް އޮޕަރޭޓަރުންނަށް ވެސް މިކަމުގައި އެއްވެސް އެހީތެރިކަމެއް ނުދެވުނު ކަމަށް ޝަމީތާ ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިންޑިގޯއިން ބުނީ ދަބަސްތައް ބަރުވެގެން ފްލައިޓުން ބާލުވަން ޖެހޭކަން އެންގުމަށް ޝަމީތާއަށް ވަރަށް ގުޅި ކަމަށާއި ނަމަވެސް އޭނާ ފޯނަށް ޖަވާބު ދީފައިނުވާ ކަމަށެވެ.




