މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ”ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ“ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަތަރު މަސް ދުވަހުގެ ތެރޭގައި 41،544 ގަސް އިންދައިފިއެވެ.
ސްޓެލްކޯ އިން މިކަމާ ގުޅިގެން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ”ފަސް އަހަރުން ފަސް މިލިއަން ގަސް“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ޙަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން 27 އޮކްޓޫބަރުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 41،544 ގަސް އިންދިފައިވާ ކަމަށެވެ.
ސަރުކާރުން އަމާޒުކޮށްފައިވާ އަދަދަށް ވާސިލުވުމަށްޓަކައި ސްޓެލްކޯއިން ދެން ބާކީ އިންދަން ޖެހެނީ 458،456 ގަހެވެ.



