ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ބެލޮން ޑިއޯ އެވޯޑު ސްޕެއިންގެ ތަރި ރޮޑްރީ އަށް ލިބިއްޖެ އެވެ.
ރޮޑްރީ އަކީ ސްޕެއިން ގެ ޤައުމީ ޓީމުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަ ކުރާ މެންޗެސްޓާ ސިޓީ އަށްވެސް ކުޅޭ ކުޅުންތެރިއެކެވެ.
މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ މި އެވޯޑު ސިޓީ ގެ ކުޅުންތެރިޔަކަށް ތާރީހުގައިވެސް ލިބުނު ފުރަތަމަ ފަހަރެވެ.
29 އަހަރުގެ ރޮޑްރީ ވަނީ ސްޕެއިން އަށް ޔޫރޯ 2024 މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާ ކުރުމުގެ އިތުރުން، މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ރޮޑްރީ ވަނީ ސިޓީއާއިއެކު އޫ.އީ.އެފް.އޭ ސުޕަރ ކަޕް އާއި ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
އެވޯޑާއި ހަވާލުވުމަށްފަހު އެ ހަފްލާގައި ވާހަކަ ދައްކަމުން ރޮޑްރީ ބުނީ މިއަދަކީ އޭނާ އަށާއި، އޭނާގެ އާއިލާއަށް އަދި ސްޕެއިންގެ މުޅި ޤައުމަށްވެސް ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ.
ބެލޮން ޑިއޯ ގެ ދެވަނަ އަށް ދިޔައީ ރެއާލް މެޑްރިޑް އަށް ކުޅޭ ބްރެޒިލްގެ ތަރި ވިނިޝަސް ޖޫނިއާ އެވެ. އަދި ތިންވަނަ އަށް ދިޔައީ ހަމަ އެ ކްލުބަށް ކުޅޭ އިނގިރޭސި ތަރި ޖޫޑް ބެލިންހަމް އެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މިދިޔަ ސީޒަންގައި ރެއާލް އާއި އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
މިފަހަރުގެ ބެލޮން ޑިއޯ އެވޯޑް ލިބޭނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު އަދި ލަ ލީގާ ކާމިޔާބު ކުރި ވިނިޝަސް އަށް ކަމަށް ގިނަ ބަޔަކު ދެކެމުން އަޔެވެ. ނަމަވެސް މި އެވޯޑް ވިނިޝަސް އަށް ނުލިބި ރޮޑްރީ އަށް ދިނުމުން މި އެވޯޑު އިންތިޒާމު ކުރާ ފްރާންސް ފުޓްބޯލް އަށް ބައެއް ފަރާތްތަކު ފާޑު ކިޔުން ވަނީ އަމާޒު ވެފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިދިޔަ ސީޒަންގައި ވިނިޝަސް ވަނީ ރޮޑްރީ އަށް ވުރެ ގިނަ ކާމިޔާބީ ތަކެއް ހާސިލްކޮށްފައެވެ. މިކަމާ ގުޅިގެން ރެއާލް މެޑްރިޑް ގެ ބައެއް ކުޅުންތެރިންވެސް ފްރާންސް ފުޓްބޯލް އަށް ފާޑުކިޔަމުންދާއިރު އެ ޓީމުގެ އެއްވެސް ކުޅުންތެރިޔެއް އެވޯޑް ދިނުމުގެ ހަފްލާ އަކަށް ނުދެއެވެ.
ބެލޮން ޑިއޯ އެވޯޑަކީ ދުނިޔޭގެ 180 ޖާނަލިސްޓުން ވޯޓުދީގެން ކޮންމެ އަހަރަކުވެސް ހޮވަމުން އަންނަ ފުޓުބޯޅައިގެ އެންމެ ޝަރަފުރިވެރި އެވޯޑެވެ. މި އެވޯޑް އެންމެ ގިނައިން ހާސިލް ކޮށްފައިވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ.



