ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން މިއަދު ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ކުރިއަށްދާއިރު، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުގެ މުވައްޒަފުން ގުރުނަގާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެގޮތުން ގޯތި ލިބިފައިވާ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގެއަށް ކިޔު ހަދައިގެން ގުރުއަތުލުމުގައި ބައިވެރިވާން ދިޔުމުން، ގުރުއަތުލުން ނަގަނީ މިނިސްޓްރީގެ މުވައްޒަފުންކަން އެނގުމުން ބައެއް ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ. އަދި އެވަގުތު އެތަނަށް ފުލުހުން ދިޔަކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ހައުސިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގުރުނަގާނީ މިނިސްޓްރީގެ މުވައްޒަފުން ކަމަށް އެ މިނިސްޓްރީން ކުރިން ކުރި އިއުލާނުގައި ވެސް ބުނެފައިވާނެ ކަމަށެވެ. އަދި އެއީ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
”ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅުކުރި. ނަމަވެސް އެއްވެސް ބޮޑު މައްސަލައެއް ކުރިމައްޗެއް ނުވޭ. އަޅުގަނޑުމެން ކުރިންވާނެ އަންގާފައި ވެސް ގުރުނަގާނީ މިނިސްޓްރީގެ މުވައްޒަފުން ކަމަށް. އެއީ ވަގުރު ސަލާމަތް ކުރުމުގެ ގޮތުންނާއެކީ. އޭގެ އިތުރުން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ވެސް ގުރުނެގުމުގެ އަޕްޑޭޓު ބަލައިލެވޭނެ، އަދި ގުރުނެގުމުން ވަގުތުން އެފަރާތަކަށް މެސެޖުވެސް ލިބޭނެ“ އޮފިޝަލު ވިދާޅުވިއެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންނެވެ.




