ކަރަންޓު ޚަރަދު ކުޑަކުރުމަށާއި ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޤުސަދުގައި، ”މަގޭ ސޯލާ“ ޕްރޮގްރާމްގެ ދަށުން ސޯލާ ޚިދުމަތަށް އެދުމުގެ ފުރުސަތު ފެނަކަ އިން ހުޅުވާލައިފިއެވެ. މިއީ، ފެނަކަ އާއި މޫސުމީ ބަދަލުތަކާ، ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
އޭޑީބީ ފަންޑުގެ އެހީ ލިބިގެން ހިންގާ މި ޕްރޮގްރާމުގައި ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނީ ފެނަކައިންނެވެ.
އެގޮތުން ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ގޭބީސީތަކަށް ހުޅުވާލައިގެން ކުރިއަށްދާ މަގޭސޯލާ ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް އާއި ފަސް ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެވެ. ގޭބީސީތަކަށް ދޫކުރެވޭ ސިސްޓަމްތަކުގެ ސައިޒް ކަނޑައަޅާނީ، ނެޓް މީޓަރިން އުސޫލުގެ ދަށުން އެދި ފެނަކަ ކޯޕަރޭޝަނަށް ހުށައަޅާ ގޭބީސީތައް ސާރވޭ ކުރުމަށް ފަހުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި ޚިދުމަތަށް އެދި ހުށައެޅުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޚިދުމަތަށް އެދެވޭނީ، މިކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށް ފެނަކަ އިން ބުންޏެވެ.

މި ޕްރޮގްރާމްގައި ހަރުކޮށްދޭ ސޯލާ ސިސްޓަމްތަކަށް ފައިސާ ދެއްކުމަށް ދެ ގޮތެއް ކަނޑައެޅިފައިވެއެވެ. އެއީ، އެއްފަހަރާ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ނުވަތަ އިންސްޓޯލްމަންޓް އުސޫލުން 1، 3 ނުވަތަ 5 އަހަރަށް ބަހާލައިގެންނެވެ.
މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ސޯލާގެ އަގުތަކަކީ، 3 ކިލޯވޯޓު ސިސްޓަމެއް 45,000/- ރުފިޔާއަށް އަދި 5 ކިލޯވޯޓު ސިސްޓަމެއް 75,000/- ރުފިޔާއަށެވެ.

ފެނަކަ އިން ބުނިގޮތުގައި މި ޕްރޮގްރާމުގެ މަޤުސަދަކީ އާއްމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމެވެ. މަގޭސޯލާ ޕްރޮގްރާމަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.



