މިދިޔަ ސަރުކާރުން މިނިވަން ކޮމިޝަންތަކަށް އައްޔަންކޮށްފައިތިބި މެންބަރުންގެ ކިބައިން ޕްރޮފެޝަނަލްކަން ފެންނަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަންސްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުން ޖޭއެސްސީގެ ރައީސް އައްޔަންކުރުމަށް މިގޮތަށް އަމަލުކޮށް އެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އޭސީސީގެ ފަސް މެންބަރުން މަޤާމުން ވަކިކުރައްވާ އައު މެންބަރުން އައްޔަންކުރެއްވާފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އޭސީސީން، އެ ކޮމިޝަންގެ ޒިންމާ އަދާކުރާކަން ރައްޔިތުން ޤަބޫލު ނުކުރާކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް ލިބެންޖެހޭ ބާރެއްކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
”މިދިޔަ ސަރުކާރުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސާމެދު އެކޮމިޝަނުގައި ތިއްބެވި ބައެއް މެންބަރުން، ތިން މެބްވަރުން އެކައްޗެއް ކިޔައިގެން އެއް ގްރޫޕެއްގޮތަށް އެ ޖަލްސާތަކަށް ޙާޒިރުނުވެ ކޯރަމް ނުލިބި، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ހައިޖެކްވި މަންޒަރުވެސް ފެނިގެންދިޔަ، އެހެންވީމަ އެ މަންޒަރު އަޅުގަނޑުމެން ތަކުރާރުވިޔަ ދޭކަށް ބޭނުމެއް ނޫން. ވަރަށް ކައިރި މާޒީގައި ދިމާވި ބައެއް ކަންކަމަުގެ މިސާލު އަޅުގަނޑު މި ދެއްކީ. ފުއާދު އެކަހެރިކޮށްލާ ތިން މެންބަރުން އިލެކްޝަންގެ މަސައްކަތަކަށް ހުރަސްއެޅިތަން ފެނުނު.“ މިއަދުގެ ބަހުސްގައި ނާޒިމް ވިދާޅުވިއެވެ.
މިކަންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެހެންކަމުން ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައިސް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދިނުން މުހިންމުކަމަށާއި އެމްޑީޕީގެ ފަރާތުން ކޮމިޝަންތަކަށް އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ޕްރޮފެޝަނަލް މީހުންކަމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ.
”އަޅުގަނޑު އެދެނީ އެންޓި ކޮރަޕްޝަންގެ މެންބަރުން، ހިހޫތަނުން ކާލައިގެން އެއްވެސްކަމެއް ނުކުރެވޭގޮތަށް ޖާގަ ދޭގޮތަށް ހުންނަކަހަލަ ރައީސެއް އެތަނަށް ލައިގެން އަނެއްކާވެސް، މި ފަސްއަހަރު ކޮރަޕްޝަން ހިނގަން ދޫކޮށްލީމަކާ އަޅުގަނޑުމެންނަށް އެތަން ބަލާކަށް ނުތިބެވޭނެ.“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖީރިޓީ ޕީއެންސީއަށް ދިނީ ޤައުމުގެ ކަންކަން އިސްލާހުކުރުމަށް ކަމަށާއި މިހާތަނަށް ޤައުމުގެ ކޮރަޕްޝަންގެ ކަންކަން ހުއްޓުވިފައިވާ ތަން ފެނިފައި ނުވާކަމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި ނާޒިމް ވަނީ އެފްއޭއެމްގެ ބޮޑު ޚިޔާނަތުގެ މައްސަލަ ފާހަގަކޮށްފައެވެ.
”އެފްއެމްއޭގައި ބޮޑު ކޮރަޕްޝަންތަކެއް ހިނގިއިރުވެސް އެކަން އޭސީސީއަށް ހުއްޓުވިފައި ނެތް“ ނާޒިމް ވިދާޅުވިއެވެ.
މިއަދު މަޖިލީހުގެ ތަޅިމުގައި ބަހުސްކުރެވިފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް، އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހާއި ގުޅޭގޮތުންނެވެ.
އެގޮތުން އެ އިޞްލާހުތަކުގެ ތެރެއިން މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށް ގެންދެވީ އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލަށެވެ.




