ވަޒީރުންގެ މަޖިލިހަށް ބަދަލުތަކެއް ގެނެސް ފަހުން އައްޔަނު ކުރި ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފިއެވެ.
ތިން ވުޒާރާއެއްގެ ވަޒީރުން ބަދަލު ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު އެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލިހަށްވަނީ ފޮނުވާފައެވެ.
އެގޮތުން ބަދަލުގެނައި ތިން ވުޒާރާގެ ވަޒީރުންނަކީ:
- ޚާރިޖީ ވަޒީރުކަން: ސިއްޙީ ވަޒީރު ކަމުގެ މަގާމުގައި އޭރު ހުންނެވި އަބްދުﷲ ހަލީލު
- މާލީ ވަޒީރުކަން: ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި އޭރު ހުންނެވި މޫސާ ޒަމީރު
- ސިއްޙީ ވަޒީރުކަން: ރައީސް އޮފީހުގެ ވަޒީރެއްގެ މަޤާމުގައި އޭރު ހުންނެވި އަބްދުﷲ ނާޒިމް
މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ ތިން ނަން ދިރާސާކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށަޅާފައެވެ. އަދި އެ ކޮމިޓީގެ އިއްތިފާގުން އެ ތިން ވަޒީރުން ވެސް އެ ވުޒާރާތަކަށް ޝަރުތު ހަމަވެ، ރުހުން ދޭން ފެންނަ ކަމަށް ވަނީ ފާސްވެފައެވެ.



