އޭސީސީ އިތުރަށް ހަރުދަނާކޮށް، ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް މިނިވަން ކޮމިޝަންތަކުގެ ރައީސުންނާއި ނައިބު ރައީސުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ތަޅުމުގައި މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް، އައްޔަން ކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ސައްތާރު ވިދާޅުވީ މިއީ ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ.
”އޭސީސީ އިތުރަށް ހަރުދަނާކޮށް، ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދާ މައްސަލަތައް ބެލުމަށްޓަކައި ހަމަ ކޮންމެހެން ވެސް މިކަން މިގޮތަށް ކުރަން ޖެހޭ“ ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ މިއިސްލާހު ގެންނަން ޖެހެނީ އޭސީސީ މިހާތަނަށް ހިނގަމުން އައިސްފައިވާ ގޮތާއި މީގެކުރިން އޭސީސީގެ މެންބަރުންގެ މެދުން ނަގާ ރައީސެއް އައްޔަންކޮށްގެން ކަންތައްވެގެން ގޮއްސަ ހުރި ގޮތުން ކަމަށެވެ.
އެގޮތުން، ވޭތުވެދިޔަ ތަނުގައި ދައުލަތުން ބައިތުލްމާލުން ގުނާ އަދަދު ނުކުރެވޭހާ ފައިސާ ގެއްލި، ބަދަލުގެ ގޮތުގައި އެތަށް ފައިސާއެއް އެތަށް ބަޔަކަށް ބަހައި ހުސްކޮށް، ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް ބޭނުންވާ ބަޔަކަށް އެތަށް ފައިސާއެއްދީ ހުސްކޮށްފައިވާކަން ފާހަގަކުރުމަށްފަހު ސައްތާރު ވިދާޅުވީ މިހުރިހާ މައްސަލަތަކެއް ބަލައި ދިވެހި ރައްޔިތުންގެ ފައިސާ އަނބުރާ ހޯދުމަށް މިއިސްލާހު ފާސް ކުރަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ކޮރަޕްޝަންގެ އަމަލުތައް ހިނގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އެމީހުންނަށް ހައްގު އަދަބާއި އަދުލު އިންސާފު ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމަށް ވެސް މިއިސްލާހު ވަރަށް މުހިންމު ކަމަށް ސައްތާރު ވިދާޅުވިއެވެ.
ހަމައެއާއިއެކު އެފަދަ ފުރުސަތެއް އަލުން ނުދީ ކޮރަޕްޝަންގެ މައްސަލަތައް ބެލުން ހަލުވި ކުރުމަށްޓަކައި މިބިލް ފާސްކުރަން ޖެހޭ ކަމަށް ސައްތާރު ސައްތާރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އެމަގާމަށް އައްޔަން ކުރާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކަށް ވެއްޖެއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތް ބޭފުޅަކަށް ވެއްޖެއްޔާ އެފަރާތަށް ވެސް މައްސޫލިއްޔަތުތައް އަދާ ކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
”މިސަބަބުތަކަށް ބަލާއިރު، މިއިސްލާހަކީ މިވަގުތަށް ހަމަ ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން“ ސައްތާރު ވިދާޅުވިއެވެ.
ސައްތާރު އިތުރަށް ވިދާޅުވީ މީގެކުރިން ވެސް މިފަދަ އިސްލާހުތައް ބައެއް ކޮމިޝަންތަކަށް ގެނެވިފައިވާ ކަމަށާއި އެބަދަލަކީ ވެސް ދިރާސާ ކުރުމަށްފަހު ގެނެވިފައިވާ ބަދަލުތައް ކަމަށެވެ.




