މިނިވަން ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތަށް ނިންމެވުމަށް ހުށަހެޅި އިސްލާހަކީ، އެ ކޮމިޝަންތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރުން މިހެން ވިދާޅުވެފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ގޮތަށް ބަދަލު ގެނައުމަށް މަޖިލިހަށް ފޮނުވާފައިވާ އިސްލާހާއި ގުޅޭގޮތުން މިއަދު ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިވަން ކޮމިޝަންތަކަށް މި އިސްލާހު ގެނައުމަށް ތާއީދު ކުރައްވާފައި ވަނީ ހޮޅުދޫ ދައިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުއާއި، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ އެވެ.
މިފަދަ އިސްލާހެއްގެ ސަބަބުން ކޮމިޝަންތަކުގެ މުސްތަޤިއްލުކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.



