ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމުގެ ގުރުއަތުލުން ކުރިއަށް ދާ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން ގުޅިފަޅު ތަރައްޤީކުރުމަށްޓަކަށް އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭނަކީ އެކަށީގެންވާ ގޮތެއްގައި ހަދާފައިވާ ޕްލޭނެއް ނޫންކަމަށާއި މިހާރު އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންއަކީ އެތަނުގައި ދިރިއުޅޭ މީހުންނަށް ވީހާވެސް ހިތްފަސޭހަ މާހައުލެއްގައި ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދެވޭނެ ގޮތަކަށް ހަދާފައިވާ ޕްލޭނެއް ކަމަށެވެ.
މީގެއިތުރުން، މިހާރު ތައްޔަރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި އިޖްތިމާޢީ ބޭނުންތަކާއި އިޤްތިޞާދީ ބޭނުންތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ ގޮތުން ކުޅިވަރު ކުޅޭވޭނެ ސަރަހައްދުތައްވެސް ކަނޑައަޅައިފައިވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގޯތި ލިބުނު މީހުންނަށް ބިން ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދަނީ އިންސާފުވެރިކަމާއެކު އެއްވެސް މީހެއްގެ ނުފޫޒެއް ނެތިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތައް ދެތިން މަހެއްގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުން ބިން ކަނޑާ ހަވާލުކުރެވޭނެ ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.
”ހިއްކާފައި އޮތް ބިންތަކަށް ރަޖިސްޓްރީދެވޭނެ ޤަވާއިދު އޮންނަގޮތުން ނުހިއްކާ ބިމުން ރަޖިސްޓްރީއެއް ނުދެވޭނެ. ނަމަވެސް ލިޔުމެއް ދޭނެ.“ ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވިއެވެ.
ގުޅީފަޅުން 7 ސައިޒެއްގެ ޖުމްލަ 3520 ގޯތި ދޫކުރާއިރު، ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންނެވެ.
މިސަރުކާރުން އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންއާއި ގޯތި ލިބުނު ސަރަޙައްދު ހިޔާވަހި ޕޯޓަލްއިން ފެންނަން ހުންނައިރު،
މިހާރު އެކުލަވާލާފައިވާ ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައިވަނީ ޕާކުތަކަށާއި ގްރީން ސްޕޭސްތަކަށެވެ.
މީގެއިތުރުން، މީހުން ދިރިއުޅޭ ސަރަހައްދުން 10 މިނެޓުން ހިނގާފައިވާ ދެވޭވަރުގެ ދުރުމިނުގައި ސްކޫލުއް ހުންނައިރު، މިސްކިތްތަކާ ދެމެދު ހުންނަނީ 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެކެވެ. މި ލޭންޑް ޔޫސް ޕްލޭނުގައި މުޅި ގުޅީފަޅުގައި ވެހިކަލް ޕާކުކުރުމަށް 70،000 ޕާކިން ސަރަހައްދު ކަނޑައަޅާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.




