މާލެ ސަރަހައްދުގައި ޓެކްސީ ޚިދުމަތްތައް ދޭން ސަރުކާރު ކުންފުންޏަކާ ހަވާލުކޮށް އެކަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އިއުލާނު ކުރާނެ ކަމަަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން، މަޖިލިހުގެ އިޤްތިޞާދީ ކޮމިޓީއަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް އެމްޓީސީސީއަކީ ރަނގަޅު ކުންފުންޏެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މަސައްކަތް ހަވާލު ކުރައްވާނީ ސީދާ އެމްޓީސީސީއާ ކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.
މާލެ ސަރަހައްދުުގެ ޓެކްސީ ޚިދުމަތްތައް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށް ޓެކްސީ ލައިނެއް ހެދުމަށް ނިންމާފައިމިވަނީ އެމްޓީސީސީން ހިންގާ އާރްޓީއެލް ބަސް ކޮންސެޕްޓަށެވެ. ނަމަވެސް މި ޚިދުމަތަށް ސަރުކާރުން ކެޕިޓަލް އިންވެސްޓްމެންޓު ދިން ކަމުގައިވިޔަސް ސަބްސިޑީއެއް ނުދޭނެއެވެ.
މި ޓެކްސީ ލައިންގެ 50 އިންސައްތަ މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން ކަމަށާއި ބާކީ %50 ސްލޮޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް އެ ސްލޮޓްތަކުގައި ދުއްވޭ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ޑްރައިވަރުންނަށް ގަޑިއިރަކަށް ދޭ އަގު 100 ރުފިޔާއަށްވުރެ ދަށް ނުކުރާނެ ކަމަށާއި ކޮންމެ 7 ދުވަހަކުން މުސާރަ ދޭ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޑްރައިވަރުންގެ ޑްރެސްކޯޑެއް އިންނާނެ؛ ޑްރައިވަރުން ތިބޭނީ ޑްރައިވަރުންކަން އަންގައިދޭ ހާއްސަ ޖެކެޓެއް ލައިގެންކަން ވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.



