އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އޭސީސީން ވަނީ ”ސައުވީސް“ އަށް ޔަގީންކޮށްދެއްވާފައެވެ.
އެގޮތުން އޭސީސީގެ މީޑިއާ އޮފިޝަލު ”ސައުވީސް“ އަށް ވިދާޅުވީ، ފެނަކަގެ ކުރީގެ އެމްޑީގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ކަމަށެވެ.
ނަމަވެސް މިއީ ބަލަމުންދާ މައްސަލައަކަށްވާތީ މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ސައީދުގެ ޕާސްޕޯޓު ހިފެހެއްޓީ އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެންނެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް ކޮށްފައިވެއެވެ. އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެނަކައިގެ މުވައްޒަފުން ވެސް އޭސީސީއަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅެއް ކުރީ ސަރުކާރުގައި އޭސީސީން އަޅާފައެއް ނުވެއެވެ.



