މަސްވެރިންގެ ގައުމީ ދަފްތަރުގައި 305 އުޅަނދެއް ރަޖިސްޓްރީކޮށްފި ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމުން 305 އުޅަނދެއް ވަނީ އެދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ.
މީގެއިތުރުން، ދަފްތަރު އެކުލަވާލެއްވުމާއެކު މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖޭން ބޭރުވާ ފައިސާ ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް ވެސް އެވުޒާރާއިން ވިދާޅުވެފައިވެއެވެ.
މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީ ވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ މަސްވެރިންގެ ގައުމީ ދަފްތަރަށް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލައިފައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ގައުމީ ފެންވަރެއްގައި ރާއްޖޭގައި ރަސްމީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ. އަދި މިދަފްތަރު އެކުލަވާލާ ނިމޭއިރު ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިންގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ފަރުމަސްވެރިކަން ކުރާ މީހުންނާއި ސްޕޯޓްސް ފިޝިންގައި އުޅޭ މީހުން ވެސް ހިމަނާނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.



