ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ހުރިހާ ތަނެއްގައި އާރތު ލީކް ސާކެޓް ބްރޭކާ (އީ.އެލް.ސީ.ބީ) ހަރުކޮށްފައި ހުރިކަން ކަށަވަރު ކުރުމަށް ސާވޭއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން އާއްމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނީ މިސާރވޭ ކުރިއަށް ގެންދެވޭނީ އާއްމުން ދިރިއުޅޭ ގޭބިސީތަކާއި، އޮފީސްތަކާއި ވިޔަފާރި ކުރާ ތަންތަނާއި އާއްމު ސަރަހައްދުތައް ހިމެނޭ ގޮތަށެވެ.
މީގެއިތުރުން، އީ.އެލް.ސީ.ބީ ހަރުކޮށްފައި ހުރުމަކީ ކަރަންޓު ބޭނުންކުރުމުގެ ސަލާމަތީ މިންގަނޑުގައި އަސާސީ ގޮތުން ފުރިހަމަވާނެ ޖެހޭ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގަވައިދުތަކުން ލާޒިމްކުރާ ކަމެއް ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެހެންކަމުން މި ހިނގާ އޮކްޓޫބަރު މަހުގެ މީޓަރު ރީޑިން ނެގުމަށް ކުރާ ޒިޔާރަތްތަކުގައި ފެނަކައިގެ ފަންނީ މުވައްޒަފުން އީ.އެލް.ސީ.ބީ ހަރުކޮށްފައި ހުރިކަން ޔަގީން ކުރުމަށް ޗެކްކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައެވެ.
ފެނަކައިން ވަނީ ހުރިހާ ކަސްޓަމަރުންވެސް މިކަމުގައި އެކުންފުންޏަށް އެއްބާރުލުން ދިނުމަށް އެދިފައެވެ.



