ދައުލަތުގެ އެއްވެސް ބާރަކަށް ނުވަތަ މިނިވަން މުއައްސަސާއަކަށް، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ނުފޯރުވަން އަދި ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާއި ހަމައަށް ވެސް ކުރި ކަމެއް ނޫން ކަމަށެވެ.
”އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ“ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނު އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
އެހެންނަމަވެސް، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވާފައިވާ އޭސީސީގެ ރައީސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކޮށްފައި ވަނިކޮށެވެ.
މިބިލުގެ ބަހުސް ކުރިއަށް ދިޔައިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ގިނަ މެންބަރުން ވަނީ އޭސީސީގެ ހިންގުން ހަރުދަނާ ކުރުމަށް މިބިލު ކޮންމެހެން ވެސް ފާސްކުރަންޖެހޭ ބިލެއް ކަމަށް ބުނެފައެވެ.



