ކަމާކަންފަށާ ބަރަހަނާ ވާންވެގެން ނިކުންނަ ނިކުތުމަކީ މުޢުމިނުންގެ މެދުގައި ފާހިޝް ޢަމަލު ފެތުރުމަށް ލޯބިކުރުމުގައި ހިމެނޭ ކަމެއް ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަބްދުއްސަލާމް ދާއޫދް ވިދާޅުވެއްޖެއެވެ.
ޝެއިޚް ޢަބްދުއްސަލާމް މިހެން ވިދާޅުވެފައި މިވަނީ މިއަހަރުގެ ”މިސް ޔުނިވަރސް“ މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ވެސް ބައިވެރިވެފައޮވާތީ އެކަމާ ގުޅިގެންނެވެ.
އެގޮތުން ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ދާރިސް ޓީވީގައި ގެނެސްދޭ ”ޢިލްމީ ޚަޒާނާ“ ޕްރޮގުރާމުގައި ބައިވެރިވެ، މިކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝެއިޚް ވިދާޅުވީ މިފަދަ ރީތީގެ މުބާރާތްތަކުގެ މާނައަކީ ނުވަތަ މަގުސަދަކީ އަންހެނުންތަކެއް ނުވަތަ އަންހެން ކުއްޖަކު އޭނަގެ މުޅި ހަށިގަނޑު އެތައް ބައިވަރު ބަޔަކާއި ކެމެރާތަކެއްގެ ކުރިމަތީގައި އޭނާގެ ހަށިގަނޑުގެ ވަނާތައް ހާމަކުރުން ކަމުގައެވެ.
”ރަސޫލު (ޞޢވ) ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ، އަންހެނެއްގެ ޢައުރައަކީ އެކަނބަލަކު ރައްކާތެރިވާން ޖެހޭ އެއްޗެކޭ. އަންހެނާ މަގުމައްޗަށް ނިކުމެއްޖިއްޔާ (ކިތަންމެ ނިވާވެގެން ހުރި ކަމުގައިވިޔަސް) ޝައިޠާނާ އޭނާގެ މައްޗަށް ފާވެގަންނާނެއޭ. މާނައަކީ ޝައިޠާނާ އެކަނބުލޭގެ އެހެންމީހުންގެ ލޯތަކަށް ޒީނަތްތެރި ކުރާނެއޭ“ ޝެއިޚް ޢަބްދުއްސަލާމް ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ ކަންކަމުގައި ބައިވެރިވާ އަންހެނުންނާއި ބައިވެރިކުރާ ކުންފުނިތަކުން އެމަސައްކަތް ހުއްޓާލާ މާތް ﷲ އަށް ބިރުވެތިވުމަށް ޝެއިޚްވަނީ ގޮވާލައްވާފައެވެ.
މިއަހަރުގެ މިސް ޔުނިވަރސް މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމް އެވެ. އޭނާއަށް މިފުރުސަތު ދިނީ މިފަދަ ކަންކަމުގައި ޒުވާނުންނަށް ފުރުސަތުދޭ ފްރެންޗައިޒް ކުންފުންޏެއް ކަމަށްވާ ”ހީ އެންޑް ޝީ“ އިންނެވެ.



