ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެއްޖެނަމަ އެ ޕާޓީ 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ތާވަލު ކޮށްފައެވެ.
ގާނޫނުގައި މިހާރުވެސް ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެ ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވެއްޖެނަމަ 30,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. މިއަދު ހުށަހެޅި ބިލުގައި ވަނީ މި ޖޫރިމަނާގެ އިތުރުން އެއްލައްކަ ރުފިޔާއިން އެ ޕާޓީއެއް ޖޫރިމަނާ ކުރުމަށް ހުށަހަޅާފައެވެ.
މީގެއިތުރުން އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު،އެ އިންތިޖާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އުނި ކުރުމަށް ވެސް ދިއްދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވެއެވެ.




