މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މަސް ރައްކާކުރާ ޖާގަ ހުންނާނީ 25،000 ޓަނަށްވުރެ މަތީގައި ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރާ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސް ރައްކާ ކުރުމަށާއި އަގު އެއްކުރުމަށް ކެޕޭސިޓީ ނެތުން ކަމަށާއި ފެލިވަރު އޮޕަރޭޝަނަށް އައިފަހުން 47 އަހަރުވެފައިވާއިރު ރާއްޖޭގައި މަސް ގަންނަ ވަސީލަތްތައް މިހާތަނަށް ތަރައްގީ ކުރެވިފައިވާ ނެތުން ކަމަށެވެ.
”މިހާރު ރާއްޖޭގެ މަސް ސްޓޯރޭޖު ނުވަތަ ރައްކާކުރާ ކެޕޭސިޓީއަކީ 8500 ޓަނު. މި ސަރުކާރުން މަސް ރައްކާކުރާ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފަ. އެގޮތުން،މި ދައުރު ނިމޭއިރު މަސް ރައްކާކުރެވޭ ކެޕޭސިޓީ 25،000 ޓަނަށް އިތުރު ކުރެވޭނެ“ ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝިޔާމް ވިދާޅުވީ އެ މިނިސްޓްރީން މިހާރު މަސައްކަތް ކުރަނީ 250 މިލިޔަން ރުފިޔާގެ މަސް ހުރެއްޖެކަމަށްވަންޏާ އެ މަސްވެސް ސްޓޯރ ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް ކަމަށާއި ދިވެހިރާއްޖޭގެ ސްޓޯރެޖް ކެޕޭސިޓީ މި ސަރުކާރު ނިމޭއިރު ހުންނާނީ 25000 ޓަނަށްވުރެ މަތީގައި ކަމަށެވެ.



