އައްޑޫސިޓީގައި ގާއިމު ކޮށްފައިވާ ފިޝަރީޒް ކޮމްޕްލެއްކްސް ތަރައްޤީކުރަން މިދިޔަ ހަފްތާގައި ފައިސާ ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެއްގޮތައް މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން މިފްކޯ މެދުވެރިކޮށް ކުރެވުނު މަސައްކަތުން، ފަންޑިން އެޖެންސީތަކާ ޕްރޮޕޯސަލްތަކާއެކީގައި މަސައްކަތް ފެށިގެން ދިޔަ ކަމަށެވެ.
“ އެކަމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ އައިއެސްޓީބީ ފަރާތުން މިފްކޯ ގެ ތަރައްގީ އަށް ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އައްޑޫގެ ފިޝަރީޒް ކޮންޕްލެކްސް ހިމެނޭ ގޮތައް މި މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިގެންދިޔުން“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީ ކުރުމަށް މިދިޔަ ހަފްތާގައި ފައިސާ ހަމަޖެހިގެން ދިޔައިރު އެ މަސައްކަތް މިއަންނަ އަހަރުގައި ކުރީ ކޮޅު ފަށާ، 2025 ވަނަ އަހަރުގެ ފަހު ކޮޅު ނޫނީ 2026 ވަނަ އަހަރުގެ ކުރީ ކޮޅު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.



