އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އާ ވެބްސައިޓު މިއަދު އިފްތިތާހު ކޮށްފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިވެބްސައިޓު އިފްތިތާހު ކޮށްދެއްވާފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން، ފަތުވާދޭ މަޖިލީހުގެ ރައީސް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމާއި ފަތުވާ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވާފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތައް ލިބެން ހުންނާނެއެވެ. އަދި އޭގެ އިތުރުން، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއަކާއި ފަތުވާ މަޖިލީހާއި ގުޅޭ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު ވެސް މިވެބްސައިޓުން ލިބޭނެއެވެ.
ފަތުވާދޭ މަޖިލީހުގެ މެމްބަރުން ތެރޭގައި ރައީސް މުޙައްމަދު ރަޝީދު އިބްރާހީމާއި، ފަތުވާ މަޖިލީހުގެ ނައިބު ރައީސް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާއި، މެމްބަރުންގެ ގޮތުގައި ތިއްބަވާ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އިލްޔާސް ޙުސައިން އަދި ޑރ. މޫސާ އަންވަރު ޙަސަން ވެސް ހިމެނެއެވެ.




