ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި އެއާޕޯޓު ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވާފައިވާ ޓީޖީއެސްޓީ ބޮޑުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މަހުގެ ނިޔަލަށެވެ.
އެއަށްފަހު އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފެށުމަށް ބަޔާންކޮށްފައިވާއިރު މިއިސްލާހުގެ ސަބަބުން ދައުލަތަށް އިތުރަށް 200 މިލިއަން ރުފިޔާ ލިބޭނެއެވެ.
މިބިލު ދިރާސާކުރަން ސަބް ކޮމިޓީއަށް ފޮނުވުމުން، އެކޮމިޓީން ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 16 ޕަސެންޓުގައި ނަގައި ޖުލައި މަހުން ފެށިގެން 17 ޕަސެންޓުގައި ނަގާ ގޮތަށް ބިލު އިސްލާހުކޮށްފައެވެ.
މިބިލަށް މިއަދު ވޯޓު ދިނުމަށް ހުށަހެޅުމުން ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެއިތުރުން، ސަރުކާރުން ގްރީން ޓެކްސް އިތުރު ކުރުމަށް ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އަންނަ އަހަރުން ފެށިގެން ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެއެވެ.
ސަބްކޮމިޓީން ފާސްކޮށްފައިވާ ގޮތުގައި ގްރީން ޓެކްސް ވެސް ބޮޑުކުރާނީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.




