”މިސް ޔުނިވަރސް“ ގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމް އެމުބާރާތުގައި ބައިވެރިވާން ހިތްވަރުދީ، އޭނާ އެ ނިކުންނަނީ ”ދިވެހިރާއްޖެއަށް ފަޚުރުވެރި ނަމެއް ހޯދައިދޭން“ ކަމުގައި އިދިކޮޅު ސިޔާސީ އެއް ޕާޓީ ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސް މިއަދު އެހެން ބުނީ ”މިސް ޔުނިވަރސް“ ގައި ބައިވެރިވުމުގެ ފުރުސަތު ޝައިނާއަށް ލިބުމާ ގުޅިގެން އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދު އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ.
މެކްސިކޯގައި އަންނަ މަހުގެ 14 އިން 16 އަށް ބޭއްވޭ މިއަހަރުގެ ”މިސް ޔުނިވަރސް“ މުބާރާތުގައި ބައިވެރިވުމަށް ޝައިނާއަށް ފުރުސަތު ދީފައިވަނީ ރާއްޖޭގައި މޮޑެލިންގެ ދާއިރާ ފުޅާ ކުރަމުން އަންނަ ”ހީ އެންޑް ޝީ“ ގެ ފަރާތުންނެވެ. އޭނާ މި މުބާރާތުގައި ބައިވެރިވުމަށް އިންޑިއާގައި ހުންނަ މެކްސިކޯ އެމްބަސީން މިހާރު ވަނީ ވިސާ ވެސް ހަމަޖައްސާ ދީފައެވެ.
ނަމަވެސް މިފަދަ މުބާރާތެއްގައި ބައިވެރިނުވުމަށާއި ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ވެސް ބައިވެރިނުވާން ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން މިއަދު ވަނީ އަންގާފައެވެ. އަދި މިފަދަ މުބާރާތެއްގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމްދީނާއި ރާއްޖޭގެ ސަޤާފަތާވެސް ޚިލާފު ކަމެއް ކަމުގައި ވެސް ޔޫތު މިނިސްޓްރީން ބުނެ، މި މުބާރާތުގައި ރާއްޖޭގެ ނަމުގައި ޝައިނާ ބައިވެރިވުން ވަނީ ކުށްވެރި ކޮށްފައެވެ.
ސަރުކާރުގެ އެ ބަޔާނާ ގުޅިގެން މަދު ބަޔަކު ވަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އޭގެތެރެއިން ބައެއް މީހުން ބުނެފައިވަނީ ”މިސްޓަރ މޯލްޑިވްސް“ ފަދަ މުބާރާތްތަކުގައި ފިރިހެނުން ”ބަރަހަނާ“ ހާލުގައި ތިބެ ބައިވެރިވާއިރު، ”މިސް ޔުނިވަރސް“ ފަދަ މުބާރާތެއްގައި ދިވެހި އަންހެނުން ބައިވެރި ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.
ޝައިނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެންމެ އެވޭލާ ތާރީޚާއި މެދުތެރޭގެ ތާރީޚާ ހަމައަށް އަންހެނުންނަށް ވަރަށް ބާރުވެރިކަން ލިބިދީފައި އޮތުމަށްފަހު، އެކަން ހިސާބަކަށް ބަދަލުވެ ސުއްމުއްވުލް އަމީރު މުހައްމަދު އަމީން އަލުން ދިވެހި އަންހެނުން ކުރިއަށް ނެރުއްވަން ފެއްޓެވި ހިސާބުން ފެށިގެން ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމުގެ ވަކާލާތު ދަނީ ހިނގަމުން ކަމަށެވެ.
”ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށް ވެސް ލިބިދިނުމަކީ ދެން މިރާއްޖޭގައި އެއާ އިންކާރުކުރެވި ދެކޮޅު ހެދޭނޭ ކަންކަމެއް ނޫން. އަދި އަމުދުން ރާއްޖެ އަނބުރާ އައިކޮޅަށް ފަހަތަށް ގެންދިޔުމަކީ އެއްވެސް ވަޒީރަކަށްވެސް، އެއްވެސް ވެރިއަކަށްވެސް އޮތް ބާރެއް، އޮތް އިހުތިޔާރެއް ވެސް ނޫން“ ދަ ޑިމޮކްރެޓްސް ގެ ބަޔާނުގައި ވެއެވެ.
ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ތަމްސީލު ކުރަން ”މިސް ޔުނިވަރސް“ ގައި ބައިވެރިވާ ޝައިނާއަށް ނުހަނު މަރުހަބާއާއި ތަހުނިޔާ ކިޔާ ކަމަށެވެ. އަދި ޝައިނާ އެ ނިކުންނަނީ ”ދިވެހިރާއްޖެއަށް ނުހަނު ފަޚުރުވެރި ނަމެއް“ ހޯދައިދޭން ކަމުގައި ވެސް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ. އަދި ކާމިޔާބީއަށް ވެސް އެދިފައިވެއެވެ.




