ރިޔާސީ ދައުރު ފެށޭ ދުވަސް އަލުން ނޮވެމްބަރު 11 އަށް ބަދަލުކުރާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ބައެއް އިސްލާހުތައް ހުށަހަޅަން ގަސްތުކުރާކަން ފާހަގަކުރައްވާ ބަންޑާރަނައިބު އުޝާމް ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ރިޔާސީ ދައުރު ފަށާ ދުވަސް ނޮވެމްބަރު 11 އަށް އަލުން އަނބުރާ ބަދަލު ކުރުން ކަމަށެވެ.
ބަންޑާރަނައިބު ވިދާޅުވީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނީ 11 ނޮވެމްބަރު 1968 ގައި ކަމަށާއި ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ޖުމްހޫރިއްޔާގެ ދައުރު ހަމަވާ އަހަރު ކަމަށެވެ.
”އެ އިސްލާހަކީ އެ އިސްލާހު ގެނައުމަށްޓަކައި ރިފަރެންޑަމްއަކަށް ދާންޖެހޭނެ ކަހަލަ އިސްލާހެއް ކަމަށްވާތީވެ، މި ކަހަލަ އިސްލާހުތަކަށް ކުޑަކުޑަ ވަގުތުކޮޅެއް ނަގާ“ ބަންޑާރަނައިބު ވިދާޅުވިއެވެ.
ރިޔާސީ ދައުރު ފަށާ ތާރީޚް ބަދަލުކޮށްފައި ވަނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުން، އެ އަހަރުގެ ނޮވެމްބަރު 11 އަށް އާ ރައީސަކު އިންތިޚާބު ނުކުރެވުމުގެ ސަބަބުންނެވެ. އެއަހަރު އިންތިހާބު ކުރެވުނު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުވާކުރެއްވީ ނޮވެމްބަރު މަހުގެ 17 ގައެވެ. އެއަށްފަހު، ވެރިކަމުގެ ދައުރު ގުނަމުން އަންނަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.



