މިހާރު އުވާލާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުވާލިއިރު، އެފީހަށް ހުށަހަޅާފައިވާ 400 އަށް ވުރެއް ގިނަ މައްސަލަ ނުނިމި އެބަ އޮތް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން، ބަންޑާރަނައިބުގެ އޮފީހުން މިހާރު ކުރަމުން އަންނަ މުހިންމު މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު އުޝާމް ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުން ވަރަށް ހާއްސަ ސަމާލުކަމެއްދީގެން އޮމްބަޑްސްޕާސަން އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި 400 އަށް ވުރެއް ގިނަ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބަންޑާރަނައިބު ވިދާޅުބީ އެމައްސަލަތައް ހައްލު ކުރުމަށްޓަކައި މިހާރު ރައީސް އޮފީހުން ޕޮލިސީ ޑައިރެކްޝަކްޝަނެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން ޕޮލިސީ ޑައިރެކްޝަކްޝަނާއި އެއްގޮތަށް އޮމްބަޑްސާ ޕާސަން އޮފީހާއި، މައްސަލަ ހުށަހެޅި ފަރާތްތަކާއި އެކު ހުށަހެޅި ޝަކުވާތަކާއި ހައްލެއް ހޯދާ ދިނުމަށްޓަކައި އެއޮފީހުން ވަރަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި އެމަސައްކަތް ކުރިއަށް ގެންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ މައްސަލަތަކުގެ ބާވަތާއި މައްސަލަތަކުގެ އަދަދަށް ބަލާއިރު، އަދި މަސައްކަތް އެއޮފީހާއި ހަވާލުކޯށްފައި ހުރި މަސައްކަތްތައް ނިމިފައި ހުރި ނިސްބަތަށް ބަލާއިރުގައި އަދިވެސް އިތުރު ވަގުތު މިކަމަށް ނަގާނެ ކަމަށެވެ.
މީގެއިތުރުން، ފުދޭވަރަކަށް ގިނަ މައްސަލަތައް ހުރީ އެންމެ އެކަށީގެންވާ ގޮތަކަށް ނުބަލައިކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ ބައެއް މައްސަލަތަކަށް ގާނޫނީ ހައްލު ހޯދަން ޖެހޭތީވެ މިމަސައްކަތަށް ހައްލެއް ހޯދައިދިނުމަށް ވަގުތު ނަގާނެ ކަމަށެވެ.
”ފުދޭވަރަކަށް ގިނަ މައްސަލަތައް ހުރީ އެންމެ އެކަށީގެންވާ ގޮތަކަށް ނުބެލި. ބައެއް މައްސަލަތަކަށް ގާނޫނީ ހައްލު ހޯދަން ޖެހޭތީވެ އާއިއެކު، މިމަސައްކަތަށް ވަގުތު ނަގާނެ“ ބަންޑާރަނައިބު ވިދާޅުވިއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ ފާއިތުވެދިޔަ 65 އަހަރު ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ އިންސާފު ހޯދައިދނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދެވި މުއައްސަސާއެކެވެ.
މިސަރުކާރުން ވެރިކަމަށް އައުމަށްފަހު މިއޮފީސް އުވާލާފައި ވަނީ އެ އޮފީހާ ގުޅޭ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުންނެވެ.



