ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް (އެން.ސީ.ޑީސް) އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް ރާއްޖޭގެ ފަސްޓް ލޭޑީގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެ ކަމަށް މެޑަމް ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ކޮމިޓީގެ ބައްދަލުވުމުގައި އެކަމަނާ ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް މަތިވެފައިވާކަމާށާއި މިއީ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.
އެހެންކަމުން މިގޮންޖެހުންތަކުން އަރައިގަތުމަށް ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި މިހާރުވެސް ބައެއް ބަލިތަކުގެ ސްޕެޝަލިސްޓުންގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރައްވާ މެޑަމް ސާޖިދާ ވިދާޅުވީ ޚާއްޞަކޮށް އޮންކޮލޮޖީ ނުވަތަ ކެންސަރުފަދަ ބަލިތަކުގެ ސްޕެޝަލިސްޓުން މަދުކަމަށެވެ.
މެޑަމް ސާޖިދާ ވަނީ މިފަދަ ފަރަގުތައް ނައްތާލަން ބޭރުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ދަރިމައިވުމުގެ މައްސަލައިގައި ދިމާވާ ގޮންޖެހުންތަކާއި، ޚާއްޞަކޮށް މިކަމުގައި ދެމަފިރިންނަށް ކުރިމަތިވާ އިޖުތިމާޢީ އަދި ނަފްސާނީ ދަތިތަކަށްވެސް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މެރކް ފައުންޑޭޝަންގެ ކެމްޕޭންތަކަށް ތަޢުރީފު ކުރައްވައި އަދި ކޮންފަރެންސްގައި ފަސްޓް ލޭޑީންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަށް ތަޢުރީފުކުރައްވައި، މި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާފައެވެ.



