ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި ބޭންކުގެ ޚާއްސަ އާންމު ޖަލްސާގައި، ސަރުކާރުގެ ފަރާތުން ބޭންކުގެ ބޯޑަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ޝަރީފް ވަނީ ބީއެމްއެލް ބޯޑަށް އައްޔަންކޮށްފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މިމަހުގެ 17 ވަނަ ދުވަހު ބޭންކުގެ ސީއީއޯގެ މަގާމަށް ޝަރީފު އައްޔަންކޮށްފައިވާއިރު، ޝަރީފަކީ ގައުމީ ބޭންކްގެ 42 އަހަރުގެ ތާރީހުގައި އެ ބޭންކަށް އައްޔަންކުރި ފުރަތަމަ ދިވެހި ސީއީއޯއެވެ.
ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން ބޭންކުގެ އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތަކަށް ވެސް ޝަރީފު ވަނީ މަސައްކަތް ކުރައްވާފައެވެ.
ބީއެމްއެލްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށް ގިނަ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ޝަރީފް ވަނީ ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރުމާއި، ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރި މަސައްކަތުގެ ދަށުން އިންޓަނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އެމްބީއޭ ހާސިލްކުރުމުގެ އިތުރުން ޝަރީފް ވަނީ މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލްއިން ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ ’ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް‘ ވެސް ފުރިހަމަ ކުރައްވާފައެވެ.




