ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން އޮންލައިންކޮށް ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުން ފަދަ ކަންކަން ކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ގާނޫނު އިސްލާހު ކޮށްގެން ހައްލު ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
”އެކަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަޅުގަނޑުމެން ގެންނާނަން،“ އުޝާމް ވިދާޅުވި އެވެ.
ސަރުކާރުން މިދިޔަ ޖުލައި މަހު ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފައިވާއިރު، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ވަނީ ޖުވާ ކުޅެން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވެބްސައިޓްތަކެއް ފުލުހުންގެ އެންގުމަށް ބްލޮކް ކޮށްފައެވެ. ފުލުހުންގެ އެންގުމަށް ބްލޮކް ކޮށްފައި ވަނީ ކިތަށް ވެބްސައިޓު ކަމެއް ކޭމްއިން ހާމަކޮށްފައެއް ނުވެއެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ޖުވާކުޅޭ ސައިޓްތައް ބޭނުން ކުރުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



