ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން ތިމާއަށް ނުވަތަ ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިރިހެނަކަށްވިޔަސް، އަންހެނަކަށްވިޔަސް މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދީނަށް އަދި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް ނުވަތަ ކާމިޔާބީއެއް ވެސް ނޯންނާނެ ކަމަށެވެ.
”ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!“ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވުމަށްފަހު، ވަނީ ކީރިތި ޤުރުއާނުން އިސްރާ ސޫރަތުގެ 81 ވަނަ އާޔަތް ހިއްސާ ކުރައްވާފައެވެ.
﴿ وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا﴾ (ސޫރަތުލް އިސްރާ:81) މާނައީ ”އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.“
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤުވާމީ މުބާރާތެއް ކަމުގައިވާ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް ދިވެއްސަކު އަމިއްލަ އަށް ބައިވެރިވާން ނިންމާފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން މިއަދު ޔޫތު މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނެއްގައި ވެސް ބުނެފައި ވަނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެއްސަކު ބައިވެރިވަނީ ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން،ދިވެހިންގެ ދީނާއި އަގީދާއި ސަގާފަތާ ނުގުޅޭ މުބާރާތްތައް ބޭއްވުމާއި އެކިއެކި ފަރާތްތަކުން ބާއްވާ އެ ކަހަލަ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.



