މާލޭގެ ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރުދައްކާ، އަޑުގަދަކޮށް ހެދި ކަމުގެ މައްސަލައިގައި ހައްޔަރު ކުރި މީހާއަށް ދައުވާ އުފުލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓު މަހުގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މއ. ކަނޑޫގެ, އަލީ އަހުމަދު (41އ) އެވެ.
އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތުގެ އަޑުއެހުން މިއަދު އޮންނާނެއެވެ.
މިމައްސަލައާ ގުޅިގެން އަލީ އަހުމަދުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވެއެވެ.
އެއީ:
- އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދެ ދައުވާ
- އާންމު ތަނެއްގައި ހުރި މީހަކު, އެ މީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން, ނުވަތަ އުނދަގޫވާނެކަން, ނުވަތަ ބިރު ހީވާނެކަން އެނގިހުރެ, މާރާމާރީ ހިންގައި, ތަޅާފޮޅައި, ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުމުގެ ކުށުގެ ދައުވާ
- އާންމު ތަނެއްގައި ހުރި މީހަކު, އެ މީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން, ނުވަތަ އުނދަގޫވާނެކަން, ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑު ގަދަކުރުމުގެ ކުށުގެ ދައުވާ
- ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.



