އަންނަ އަހަރު ދައުލަތުގެ ޚަރަދުތަކަށް ހޭދަ ކުރުމަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބަޖެޓު ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މިއަދުގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާ ކަމަށެވެ.
ބަޖެޓާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ތެރެއިން ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ރިކަރަންޓް ޚަރަދުގެ 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ 13.3 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން މި ޚަރަދުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާކަން ވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް 5 އިންސައްތަ އިންޓްރެސްޓު ހިމެނޭގޮތަށް 1 ބިލިއަން ރުފިޔާ ވެސް ހިމަނާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓަށް ހިލޭ އެހީގެ ގޮތުގައި 39.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ލަފާ ކޮށްފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. މިއީ ފަހުގެ ތާރީޚެއްގައި ހުށަހެޅުނު އެންމެ ކުޑަ ޑެފިސިޓެވެ.
މި ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން ބަޖެޓުގައި ޕީއެސްއައިޕީގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. ބޭންކުތައް މެދުވެރިކޮށް އެއް ބިލިއަން ރުފިޔާގެ ލޯނު ދޭން ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ތަފްސީލު:
- ޖުމްލަ ބަޖެޓު: 56.6 ބިލިއަން ރުފިޔާ
- ރިކަރަންޓް ޚަރަދު: 35.9 ބިލިއަން ރުފިޔާ
- ކެޕިޓަލް: 13.3 ބިލިއަން ރުފިޔާ
- ހިލޭ އެހީ: 39.7 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
- ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓު



