އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމަށްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމުގެ މައްސަލައަކީ މިއަދު ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާއިރު، ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުން މިކަމަށް ހައްލެއް ހޯދުމަށް ހާއްސަ ސަމާލުކަމެއް ދީފައެވެ.
އެގޮތުން 2025 ވަނަ އަހަރުގެ ބަޖެޓް ހުށައަޅާ ދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރުު ކަމަށާއި، 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައީސްގެ މިތަސައްވުރާއި އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށްކަމަށެވެ.
އެގޮތުން، ބަޖެޓުގައި %5 އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން 2 ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެމަގުވެސް ފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާކަމަށާއި، އެހެންކަމުން އަންނަ އަހަރު ވާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުންކަމަށް މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.
”އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ޚާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު. ގެދުރޮވެރިކަމާ ބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، މާތްﷲ ގެ ވާގިފުޅާއިއެކު 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް. ވީމާ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް.“ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ޕަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ %50 ކަނޑައަޅާފައިވަނީ ހައުސިންގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.



