ސިއްހީ ޚިދުމަތްދޭ ތަންތަނުން ބަލިމީހުންނަށް މާދަމާއިން ފެށިގެން އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަނަމަ، އެ އިންޝުއަރެންސަށް ކަނޑާފަ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
މިކަން ހާމަކޮށް އާސަންދަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާސަންދަ އަކީ ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ އެ މަގުސަދުގެ ތެރެއިން އެ ކުންފުނީގެ ނިޒާމަށް ބަދަލު ގެންނަން ނިންމާފައިވާކަން މީގެ ކުރިން ވެސް އިއުލާނު ކޮށްފައިވާނެ ކަމަށެވެ.
އެހެންކަމުން އެ ބަދަލުތައް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތަށް ބިލު ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަންދޭން ނިންމާފައިވާ ކަމަށް އާސަންދަ އިން ބުނެފައިވެއެވެ.
އާސަންދައިން ބުނީ މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން އިންޕޭޝެންޓު އަދި އައުޓް ޕޭޝެންޓު ހިދުމަތްތައް ވަކިވަކިން ކަމަށެވެ.
އެހެންކަމުން މާދަމާ އިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އައުޓް ޕޭޝަންޓުގެ ހިދުމަތް ހޯދާ ބަލިމީހުންގެ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ ފުރަތަމަ ބިލު ކުރާނީ ޕްރައިވެޓް އިންޝުއަރެންސް އަށް ކަމަށް އާސަންދައިން ބުނެފައިވެއެވެ. އަދި ޕްރައިވެޓް އިންޝުއަރެންސް ނެތް ނަމަ ނުވަތަ ޕެކޭޖުތަކުގެ ލިމިޓު ހަމަވެފައިވާނަމަ މިހާރެކޭ އެއްގޮތަށް އާސަންދައިން ހިދުމަތް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.



