ދައުލަތުގެ މަތީ ފެންވަރުގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދައިފަވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ޤާނޫނުން އުޤޫބާތަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދާދި ދެންމެއަކު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަޖިލިލީހަށް ހުށަހަޅައިގެން ޤާނޫނުލް އުޤޫބާތުގެ 515 ވަނަ މާއްދާއައް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަން ނައްތާލުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.
މިކަން ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާގެ (ހ) ގައި މަންފާ، (ށ) ގައި ރަސްމީ ހައިސިއްޔަތު އަދި (ނ) ގައި ދައުލަތުގެ މުވައްޒަފުން މާނަކޮށްފައިވެއެވެ.
އެގޮތުން ޤާނޫނުލްއުޤޫބާތުގައި މަންފާ މާނަކޮށްފައި ވަނީ ދެވޭ ހަދިޔާއަކަށް ނުވަތަ އަގެއް އަދާކުރުމަކުން، ނުވަތަ ފައިސާގެ އަގެއް އެކުލެވިގެން ވިޔަސް އަދި ނުވިޔަސް، ލިބިދޭ މާއްދީ ނުވަތަ ގައިރު މާއްދީ މަންފާއެއްގެ ގޮތުގައެވެ.
މީގެއިތުރުން ރަސްމީ ހައިސިއްޔަތު މާނަކޮށްފައި ވަނީ ދައުލަތުގެ މުވައްޒަފަކު، ރަސްމީ ގޮތުން އަދާކުރަން ޖެހޭ ދައުލަތުގެ ވާޖިބެއްގެ ދަށުން ކުރާ ކަންކަމަށާއި ނުކޮށް ދޫކޮށްލާ ކަންކަމަށެވެ. ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މަންފާއެއް ދިނުމަށް ނުވަތަ ނުދިނުމަށް ދައުލަތުގެ މުވައްޒަފަކަށް، ލިބިދޭ ބާރުގެ ބޭނުންކުރުމަށާއި ބޭނުންނުކުރުމަށް ކަމަށް ޤާނޫނުލްއުޤޫބާތުގައި ބަޔާންކޮށްފައިވެއެވެ.
މިގާނޫނުގައި ދައުލަތުގެ މުވައްޒަފުން މާނަކޮށްފައި ވަނީ ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކުގެ މެންބަރުންނާއި، މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށެވެ. މީގެތެރޭގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ މަގާމުތަކުން އިންތިހާބުކުރެވޭ މަގާމުތަކަށް ކުރިމަތިލައިގެން ތިބި މީހުންވެސް ހިމެނޭ ކަމަށް މިގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނުލްއުޤޫބާތުގެ މިމާއްދާ އެކުލެވޭހެން އެހެން މާއްދާތަކަށް އިސްލާހު ގެންނަން ވެސް ރައީސް ވަނީ ނިންމާފައެވެ.



