ދައުލަތުގެ އިދާރާތަކުގެ ވެރިންގެ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ބެލުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް ގާނޫނުލްއުޤޫބާތު އިސްލާހުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުގެ ސަބަބުން ކޮރަޕްޝަނަށް ހުޅުވިފަ ހުރި ދޮރުތައް ބަންދު ކުރެވޭނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
ގާނޫނުލްއުޤޫބާތު އިސްލާހު ކުރުމަށް ރައީސް ނިންމެވުމާއި ގުޅިގެން އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މިގައުމަށް ނުހަނު މުހިންމު އިސްލާހެއް ކަމަށެވެ.
އަޒާން ވިދާޅުވީ އިރާދަކުރެއްވިއްޔާ މި އިސްލާހާއެކު ކޮރަޕްޝަނަށް ހުޅުވިފަ ހުރި ދޮރުތައް ބަންދު ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުންނަށް މިއިސްލާހުގެ ސަބަބުން އެމީހުންނަށް ޙައްގު އަދަބު ދެވޭނެ ކަން ފާހަގަކުރައްވާ އަޒާން ވަނީ މިއިސްލާހު ގެނައުމަށް ނިންމެވުމުން ރައީސްއަށް ޝުކުރު އަދާ ކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



